އިންޑިއާ ޓުޑޭގައިވާ ގޮތުން އެއްޗެއް ގޮވައިފައިވަނީ، ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ އެއް ވަނަ ގޭޓު ކައިރީގައި އޮތްް ކާރެއްގަ އެވެ. އެ ހާދިސާގައި 10 މީހަކު މަރުވެ، 24 މީހަކަށް އަނިޔާވި ކަމަށް އެ ނޫހުގައި ވެއެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ، ދިއްލީގެ މެދުތެރޭގެ ހައި ސެކިއުރިޓީ ޒޯނެއްގައި މި ހާދިސާ ހިނގި ގޮތެއް ނޭނގި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެހެންވެ ދިއްލީގެ އިތުރުން މުމްބާއީގައި ވަނީ ސަލާމަތީ ކަންތައް ބެލެހެއްޓުން ވަރަށް ބޮޑަށް އިތުރުކޮށް އެލާޓް ލެވަލް މަތިކޮށްފަ އެވެ. މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ރަސްމީ އިދާރާއަކުން އަދި އެފަދަ ވާހަކައެއް ނުބުނެ އެވެ.
ދިއްލީގެ ފުލުހުންނާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެ ހާދިސާގައި ނުވަ އުޅަނދެއްގައި ރޯވެފައި ވެއެވެ.
ސޯޝަލް މީޑިއާގައި ދެންމެ ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުުންގެ އާއިލާތަކާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކުކަމަށް ރައީސް ވިދާޅުވި އެވެ.
ގޮވުމުގެ ހާދިސާއާ ގުޅިގެން މުޅި ސިޓީ އެލާޓަށް އައިސްފައިވާއިރު، ޓެރަރިޒަމްގެ ކަމެއް އުޅަދާނެތީ އަވައްޓެރި ސްޓޭޓުތަކާއި މުމްބާއީ ފަދަ ތަންތަމުގެ އެލާޓު ލެވަލް ވަނީ މަތިކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެއް ވީޑިއޯއިން ފެންނަ ގޮތުގައި ގޮވި ސަރަހައްދުގައި ހުރި ރިކްޝޯތަކަކާއި ކާރުތަކެއްގައި ރޯވެ، އަނދަމުންދާ މަންޒަރު ފެނެ އެވެ. ބައެއް މީޑިއާތަކުން ބުނަނީ ފުރަތަމަ ގޮވީ ކާރެއް ކަމަށެވެ. ނަމަވެސް ފުލުހުން މިކަމެއް ކަށަވަރެއް ނުކޮށްދެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފަ އެވެ. އޭނާ ވަނީ ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފަ އެވެ. ހާދިސާގައި އަސަރުކުރި މީހުންނަށް ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މޯދީ ވިދާޅުވި އެވެ
އިންޑިއާގެ ރަސްކަލުންނަށް ދިރިއުޅުއްވި ތާރީހީ އިމާރާތްތައް ހުންނަ ރެޑް ފޯޓަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެކެވެ.