ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު އެމްސީއެސްގެ އާ އިމާރާތް ހުޅުވައިދެއްވީ މިއަދު އެވެ.
ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ގާއިމުކުރެވިފައިވާ މި އާ އިމާރާތް ހުޅުވުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން އަދި ކޮމިޝަނނާ އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. މި ރަސްމިއްޔާތާ ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ދިދައާއި އެމްސީއެސްގެ ދިދަ ބިސީގައި ނަންގަވާފައިވެއެވެ.
މި އާ އިމާރާތަކީ ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ 12000 އަކަފޫޓުގެ ބޮޑުމިނުގެ އިމާރާތެކެވެ. 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމްސީއެސްގެ 15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން 170 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، އާ އިމާރާތް ބައްލަވައިލައްވާފައެވެ.