އޭނާ މިހެން ވިދާޅުވީ، އެމްސީއެސްގެ އާ ހެޑްކުއާޓާސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ޒަރީރު ވިދާޅުވީ މި ސަރުކާރުގެ ދަށުން އެމްސީއެސްއަށް އަމިއްލަ އިމާރާތެއް ލިބިގެން ދިޔުމަކީ އެ އިދާރާގެ ހިދުމަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކުރީގެ ދަތި ހާލަތު ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، އެންމެ ފަހުން އެމްސީއެސްގެ އޮފީސް ހިންގަމުން އައީ ޕީއެސްއެމްގެ އޭ ބްލޮކްގައި ކަމަށާއި، އެއީ އޮފީސް ހިންގުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ނޫން ކަމަށެވެ. އެކަށީގެންނުވާ ތަނެއްގައި އޮފީސް ހިންގި އިރު، އެތަނުގެ މަރާމާތަށް އެކަނިވެސް ދައުލަތުން 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގައި ވަސީލަތްތަކުގެ ދަތިކަން ކިހާ ބޮޑުކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާ އިމާރާތުގެ އިތުރުން، ކަރެކްޝަނަލް ސާވިސްގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް އިތުރު ވަސީލަތްތައް ގާއިމުކުރަމުން އަންނަ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ. އެގޮތުން، ތާރީހުގައި ފުރަތަމަ ފަހަރަށް އެ ސާވިސްއަށް ފަސް ވެހިކަލަކާއި ދެ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މިހާރު ހުޅުމާލޭ ޖަލުން ގައިދީން ހޮސްޕިޓަލަށް ގެންދަނީ ބަގީއެއްގައި ކަމަށާއި، އާ ވެހިކަލްތައް ލިބުމުން އެ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.