ޑރ.މުއިއްޒު މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި އެވެ.
އެ ގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް މި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެއްވަގުތެއްގައިރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން މި އޮޕަރޭޝަންގެ ތެރެއިން ބަލާ ފާސްކުރެވޭނެ ކަމުގައި އެވެ
އަދި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމުގައި ވެސް ރައީސް ހަމަ ކުރެއްވި އެވެ.
ދާދި ފަހުން އެމްއެންޑީއެފް އިން ޑްރޯން ބޭނުންކޮށްގެން ހިންގި ސާވެއިލަންސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ސްރީލަންކާގެ މަސްބޯޓުގައި ހިފަހައްޓާ އެ ބޯޓުގައި ތިބި ފަސް މީހުން ވަނީ ހައްޔަރުކޮށްފައި އެވެ.
ފުލުހުން ބުނެފައި ވަނީ، ގާނޫނާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ މަސް ބޯޓު ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް ފެނުނު ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު މިއަދު ފާސްކުރިއިރު 24 ގޯނި ފެނިފައިވާ ކަމަށާއި އޭގެ ވަގުތީ ބަރުދަން 355.9 ކިލޯ އަށް އަރާ ކަމަށް ބުންޏެވެ.
އެ ގޯނިތަކުގައި ހުރީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 39 އަހަރާއި 42 އަހަރާއި 28 އަހަރާއި 34 އަހަރާއި 63 އަހަރުގެ ފަސް ފިރިހެނުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ އެ މުއައްސަސާއާއީ އެމްއެންޑީއެފާއި، ސްރީލަންކަން ނޭވީއާއި އެ ގައުމުގެ ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.