ޔާމީން ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ހައްލު ކުރުމުގެ ވާހަކަ ދައްކަވަނީ އެކަމުގައި ރައީސް މުއިއްޒު އޮޅުވާލައްވަމުން ގެންދަވާތީ ކަމަށެވެ.
ޖުޑިޝަރީ މިނިވަންކޮށް މި ގެންނަ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. ރައީސް ޔާމީން މައިގަނޑު ގޮތެއްގައި ފާޑު ވިދާޅުވީ މުއިއްޒުގެ އެ ވާހަކަތަކަށެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް، ވާނުވާ ބަންދު އުވާލަން ގޮވާލައި ބޮޑު ކެމްޕޭނެއް ސޯޝަލް މީޑިއާގައިވަނީ ފަށާފައެވެ.
ވާނުވާ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ މި ސަރުކާރުން ވަނީ އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން އިލެކްޓްރޯނިކް ޓެގު އަޅުވާފައި ދޫކޮށްލުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް މިހާތަނަށް އެ އުސޫލުގެ ދަށުން ދޫކުރީ އެންމެ 10 މީހެކެވެ.