ސީޕީ މިހެން ވިދާޅުވީ، ރ. އިންނަމާދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސީޕީ ވަނީ ފުލުހުންގެ ހިދުމަތަކީ ތަހުޒީބު މުޖުތަމައުއަކަށް ހިދުމަތް ކުރުމަށް ފައްކާވަމުން އަންނަ ހިދުމަތެއް ކަމަށް ފާހަގަކުރައްވާފައެވެ.
އޭނާގެ ވާހަކަފުޅުގައި، ހުރިހާ ފުލުހުންވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، ހިދުމަތުގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ. ކޮންމެ ފުލުހަކީވެސް ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ރައްޔިތުންނަށް ހިދުމަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ. އަދި ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ތަމްރީނާއި ހިތްވަރު ދިވެހި ފުލުހުންގެ ކިބައިގައި އެބަހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރުކުރުމަކީ ހަމައެކަނި ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ކޮމިޝަނާ ވިދާޅުވީ، އެކަން ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އިތުބާރު ލިބިގެން ކަމަށެވެ. ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން ނޫން ކަމަށާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގައިވެސް ފުލުހުންގެ ދައުރު މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކަކު އަނެކަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.