ads
މިނިސްޓަރު އަލީ އިހުސާން
ދަތި ހާލުގައި ހިދުމަތްކުރި ފުލުހުންނަށް އިހްސާންގެ ތައުރީފާއި ހިތްވަރު
ދަތި ހާލުގައި ތިބެގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން، ތައުރީފު ކުރައްވައިފި އެވެ.
Advertisement

ރ. އިންނަމާދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހްސާން ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ތަހައްމަލު ކުރަމުން އައި ތަކުލީފުތައް ފާހަގަކުރައްވައި، އެ މުއައްސަސާގެ ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު އިހްސާންގެ ވާހަކަފުޅުގައި، މީގެ ކުރިން ފުލުހުން މަސައްކަތްކުރަމުން އައި ހާލަތުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. ރާއްޖޭގެ 121 ރަށުގައި ހިދުމަތް ދެމުން ދިޔަ ނަމަވެސް، ފުލުހުންގެ އަމިއްލަ އިމާރާތެއްގައި އެ ހިދުމަތް ދެމުން އައީ އެންމެ 17 ރަށުގައިކަން ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ، އެހެން މަރުކަޒުތަކަކީ އެކަށީގެންވާ ވަސީލަތްތަކާއި ޖާގަ ނެތް ތަންތަންކަމަށާއި، އާއިލާތަކާ ދުރުގައި އުޅެންޖެހޭ ފުލުހުންނަށް ދިރިއުޅޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތް ކަމަށެވެ. އެފަދަ ހާލަތެއްގައި ވޭނާއި ތަކުލީފުތައް ފޮރުވައިގެން، އަމިއްލަ ނަފުސަށްވުރެ ގައުމީ ހިދުމަތް އިސްކޮށްގެން މަސައްކަތް ކުރެއްވި ހުރިހާ ފުލުހުންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ، އެ ދަތި ހާލަތު ބަދަލުކޮށް، ފުލުހުންނަށް ބޭނުންވާ މާހައުލެއް ގާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. އެގޮތުން، 95 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު 39 ރަށެއްގައި މަރުކަޒު ގާއިމްކުރުމަށް ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ހަތަރު ސަރަހައްދެއްގައި ފުލުހުންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީ ކުރެވެމުން އަންނަ ކަންވެސް ފާހަގަކުރެއްވި އެވެ. މި ދައުރުގެ ތެރޭގައި ފުލުހުންގެ ހުރިހާ މަރުކަޒެއްގެ މަސައްކަތް ނިންމާ، ގައުމީ ސަލާމަތަށް ބޭނުންވާ ހުރިހާ ހިދުމަތެއް ރަށްރަށުން ލިބޭނެ ގޮތް ހަދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިހްސާން ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް