ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރޭތީ، އެކަން ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދަކަށް މީހުން މާލެ ގެނެސްގެން، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަށްޓަކައި ކުރީގެ އެކި ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތަކަށް ލާނެ މީހަކު މިހާރު ނެތުމުން، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ކަމަކީ އެ ގޮޅިތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުން.
ގައުމަށް ބޭނުންވަނީ ހަމަހަމަކަމާއި އިންސާވެރިކަމާއި އަދުލުވެރިކަން ކަން ފާހަދަކުރައްވާ ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު މިދިޔަ ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިއަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ހަގީގީ މާނައިގައި ރާއްޖޭގައި ހަމަޖެހުން އޮންނަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށާއި އެކަން ކާމިޔާބު ވާނީ "ބަދަލުހިފުމުގެ ނުބައި އޮއިވަރު" ނައްތާލައިގެން ކަަމަށެވެ. ބަދަލުހިފުމަށް ވުރެ ބޮޑަށް ގައުމު އިސްކޮށްގެންނެވެ.
މީގެ ކުރީގެ ސަރުކާރުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް ދެ އަހަރުވާއިރު، ސިޔާސީ ހުރިހާ ވެރިން ތިބެނީ ޖަލުގައި ކަމަށާއި މިއަދާ ހަމައަށް ބަދަލު ހިފުމުގެ ރޫހުގައި މި ސަރުކާރުން އަމަލު ކޮށްފައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.