އަބާދީ ކުޑަ ރަށްތަކުން ރަށު ކައުންސިލަށް ހޮވާ ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުއަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުން މަޖިލިހަށް ވަނީ ހުށައަޅާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލހަށް ހުށައެޅުއްވީ ވެރިކަން ކުރާ ޕިއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހްއެވެ.
މި އިސްލާހާއި ގުޅޭގޮތުން ރައްޔިތުން މަޖލީހުގެ ލާމަރުކަޒީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކައުންސިލަރުން މަދުކުރަނީ ރައްޔިޔުން އެކަމަށް އެދޭތީކަމަށެވެ. އެގޮތުން ރައީސް މުއިއްޒުގެ އިރުޝާދަށް ކުރި ދިރާސާތަކުން ކައުންސިލަރުން ގިނަކަން ރައްޔިތުން ފާހަގަކޮށްފައިވާކަމަށް އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.
ފަލާހު ހުށައެޅުއްވި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިހާބު ކުރުމަށެވެ. އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންކަމަށް އެ އިސްލާހުގައިވެއެވެ.
މި ބަދަލާއި އެކު ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި އެއް ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހެއެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި އަންހެނުންނަށް ދެ ގޮނޑި ހާއްސަކުރަންޖެހެއެވެ.
މި ބަދަލު ގެނައި ނަމަވެސް މާލެ ސިޓީ ކައުންސިލް އެކުލެވިގެންވާނީ ކައުންސިލްގެ މޭޔަރުގެ އިތުރުން ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެމްބަރުން ހިމެނޭ ގޮތުން ގާނޫނުއަސާސީއާއި ގާނުނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެެމްބަރުންގެ އަދަދާއި އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށްކަމަށް މި އިސްލާހުގައިވެއެވެ.