މިއީ މިދިޔަ ހަފުތާގެ ތެރޭގައި މި މިސްކިތުގެ ތަކެއްޗަށް ގެއްލުންދީ ހުރުމަތް ކަނޑާލި ދެވަނަ ފަހަރެވެ. މިސްކިތުގެ އެކި ތަންތަނަށް ގެއްލުން ދީފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 6:00 ޖަހާކަންހާއިރު އެ މިސްކިތަށް ގެއްލުން ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި ހަމަލާގައި މިސްކިތުގައި ހަރުކޮށްފައި ހުރި ޗާންދަލިއާ އާއި ގަޑި ތަޅާލައި، ގަޑި ކައިރީގައި އިން ކަރަންޓު ބޯޑަށް ވެސް ވަނީ ގެއްލުން ދީފަ އެވެ. މިދިޔަ ހޯމަ ދުވަހު ވެސް މީހަކު ވަނީ ހަމަ އެ މިސްކިތަށް ވަދެ ނަމާދުކުރަން ހުރި ގޮނޑިތަކާއި ފަންކާތައް ހަލާކުކޮށްލާފަ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިގޮތުން މިދިޔަ ހަފުތާގައި މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ވެސް ފެންމަތިވެފައިވާއިރު، އެ މައްސަލާގައި ފުލުހުން މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އެ މީހާގެ ނަފްސާނީ ހާލަތު ހުރިގޮތުން ތަހުގީގަށް ބަންދުގައި ނުބެހެއްޓޭނެތީ އެ މީހާ ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ. އައްޑޫގެ މިސްކިތަށް ގެއްލުން ދިން މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.