ސޯސަން ފިހާރައަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ވަނީ ހޮޓެލް ޖެންގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ އެ ފިހާރައިގެ އާ ލޯގޯ ދައްކާލާފައެވެ. މި ލޯގޯ އިފްތިތާހްކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދާއި، ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ އަބްދުލް ހަމީދާއި، މުހައްމަދު ވަހީދު (ލާމް) އަދި އަބްދުލް ހަމީދު މުހައްމަދެވެ.
ސޯސަން ފިހާރައިގެ މުވައްޒަފުންނާއި އެކު ބޭއްވި ރަސްމިއްޔާތުގައި ވަނީ ސޯސަން ކުންފުންޏަށް 10 އަހަރާއި، 15 އަހަރާއި އަދިވެސް އެއަށްވުރެން ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފައެވެ. އެގޮތުން އެ މުވައްޒަފުންނަށް ހަނދާނީ ފިލަ އާއި ސެޓްފިކެޓް ވަނީ ދީފައެވެ. އަދި ޕްރޮމޯޝަން ލިބުނު ބައެއް މުވައްޒަފުންނަށްވެސް ވަނީ އެކަމުގެ ލިޔުންތައް ހަވާލުކޮށްފައެވެ.
ސޯސަން ފިހާރައިގެ އާ ލޯގޯ
1989 ވަނަ އަހަރު ހުޅުވި ސޯސަން ކުންފުނީގައި މަސައްކަތް ކުރާ މަވައްޒަފުންގެ އަދަދު މިހާރު 90 އަށް އަރަ އެވެ.
ރާއްޖޭގައި ގިނަ ބައެއްގައި މެދުގައި މަގުބޫލުކަން ހޯދާފައިވާ ސޯސަން ފިހާރައަކީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރު ކުރަމުން އަންނަ ފިހާރައެކެވެ. ސޯސަން ފިހާރައަކީ ދިވެހިންގެ މެދުގައި މަގްބޫލު ބައެއް އުފެއްދުންތައް ވިއްކަމުން އަންނަ ފިހާރައެވެ. އޭގެތެރޭގައި ފިލްސްބަރީ ކޭކު ފުށާއި ޕަސްކުއަލް ޔޯގަޓް ހިމެނެއެވެ.