ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފެއްޓެވި މި މަސައްކަތުގެ ދަށުން، ކޮންމެ ރޯދަ މަހަކު ކޮންމެ ގޭބިސީއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މި އަހަރުވެސް މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މިފްކޯއާއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރަމުން މިފްކޯއިން ބުނީ، ރޯދަ ހަދިޔާއަށް ބޭނުންވާ މަސްދަޅު ތައްޔާރުކުރުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މިހާރު މި މަސައްކަތުގެ 33 ޕަސަންޓު ނިމިފައިވާއިރު، ކުންފުނީގެ އަމާޒަކީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް މަސައްކަތް ނިންމާލުން ކަމަށް އެ އޮފީހުން ބުންޏެވެ. މަސްދަޅު ކޭސްތައް ތައްޔާރުކުރަމުން ގެންދަނީ މިދިޔަ އަހަރުވެސް ރޯދަ ހަދިޔާ ބެހިއިރު ދިޔަ މިންވަރަށް ރިލޭކޮށްގެންނެވެ.
މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ މާލެއާއި އަތޮޅުތެރެ ހިމެނޭހެން ޖުމްލަ 111،231 މަސްދަޅު ކޭސް އާންމުންނަށް ހަދިޔާކޮށްފައެވެ. މަސްދަޅުގެ އިތުރުން ކުރިއަށް އޮތް ރޯދަ މަހު ކަރަންޓު ބިލުން ލުއި ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބިސީއަކަށްވެސް ރޯދަ މަހު އެންމެ ބޮޑުވެގެން އަންނާނީ 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.