ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްއޭސީއެލްގެ ބޯޑަށް މި ފަހުން އިތުރުކުރި ޖާގަ އަށް، ހުޅުމާލެ ގޯތި ނަންބަރު 10718 އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަން ކޮށްފައިވާ ކަމަށެވެ.
ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކު ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް ވަނީ ދާދި ފަހުން އިތުރުކޮށްފަ އެވެ.
މިވަގުތު ބޯޑުގައި އަށް މެންބަރުން ތިއްބެވިއިރު އެމްއޭސީއެލް ބޯޑަށް އަދި އެއް ބޭފުޅަކު އައްޔަނުކުރަން ޖެހޭނެއެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައިއިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެމްއޭސީއެލްގެ މެންޑޭޓާ އެއްވެސް ގުޅުމެއް ނެތް ޕްރޮޖެކްޓުތަކެއް ހިންގަން ހަވާލުކުރުމުގެ ސަބަބުން އެ ކުންފުންޏަށާއި ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެމްއޭސީއެލްއިން މިހާރު ވަނީ ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހާއްސަކޮށްގެން ޕެނިންސޫލާ އިންފްރާސްޓްރަކްޗާގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފަ އެވެ.