ads
މިނިސްޓަރު ޝަހީމް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން
މުއިއްޒުގެ ރައްދެއް ޝަހީމަށް، ވަޒީރުން ކޮންޓްރޯލުން ނައްޓައިގެން ނުދާނެ
ވަޒީރުންނަކީ ކޮންޓްރޯލުން ނައްޓައިގެން ގޮސް ކުރެވޭ ނުކުރެވޭ ކަންކަން ނޭނގޭ ބަޔަކަށް ވެގެން ނުވާނެކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ނުސީދާ ގޮތަކަށް ރައްދެއް ދެެއްވައިފިއެވެ.
Advertisement
މުއިއްޒު އަދުނާނު މި މޭރުމުން ވިދާޅުވެފައި މިވަނީ ޒަކާތު ފަންޑޫން އެހީތެރިކަން ނުލިބޭކަމަށް އަންހެނަކު ބުނުމުން އޭނާގެ ޒާތީ މައުލޫމާތު ހިއްސާކޮށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ޕޯސްޓެއް ކުރައްވާފައި ވަނިކޮށެވެ. 

މިނިސްޓަރު ޝަހީމް ވަނީ އެ އަންހެން މީހާއަސް ދައުލަތުން ދިން އެހީއާއި އެމީހާގެ އެކައުންޓްގައި ހުރި ފައިސާގެ އަދަދަށް ދަން ދެން ސޯޝަލް މީޑިއާގައި އާއްމުކުރައްވާފައެވެ. 

ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީރު ބޭފުޅުންނަކީ ބަހާއި އަމަލުންވެސް ބޭފުޅުންނަށް ވާންޖެހޭކަމަށެވެ. އަދި ވާނުވާ ނެނގޭ ވަރަށް ކޮންޓްރޯލުން ނައްޓައިގެން ދާ ބަޔަކަށް ވަޒީރުވެގެން ނުވާނެކަމަށްވެސް މުއިއްޒު އަދުނާނު ވަނީ ވިދާޅުވެފައެވެ. 
" ވަޒީރު ބޭފުޅުން އެބޭފުޅުންގެ އަމަލުފުޅުތަކާއި ބަސްފުޅުތަކުންވެސް "ބޭފުޅުން" ކަމުގައި ވެވަޑައިންނަވަން ޖެހޭ. "ބޭފުޅުންނޭ" މިދަންނަވަނީ، ރައްޔިތަކު ހަމަ އެއްޗެއް ބުނާއިރަށް އެކަމާ ކޯފާއިސްވެ، ކުރެއްވޭ ނުކުރެއްވޭ ކަމެއް އެނގިވަޑައިނުގަންނަވާ ވަރަށް ކޮންޓްރޯލުން ނައްޓައިގެން ނުގޮސް ކެތްތެރިކަން އިސްކުރައްވާ ވަރުގެ މާތް ޝަހުސިއްޔަތެއް ހުރުމަށް." މުއިއްޒު އަދުނާނު އެފްބީގައި ކުރެެއްވި ޕޯސްޓެއްގައިވެއެވެ.

މުއިއްޒު އަދުނާނު ވަނީ ވަޒީރުންނާއި ގުޅޭ ދެ ވާހަކައެއްވެސް އިބްރަތެެއްގެ ގޮތުގައި މިވާހަކަތަކާއި ގުޅުވާ ހިއްސާކޮށްފައެވެ. އެގޮތުން ވަޒީރަކު ވިދާޅުވި ވާހަކައެއްވެސް މުއިއްޒު އަދުނާނު ވަނީ ހިއްސާކޮށްފައެވެ. 

" ތިމަންމެނަށް ރައީސް ފަތްކޮޅުދެއްވައި ވަޒީރުކަމަށް އިސްކުރައްވާފައި މިތިބެނީ އުސޫލުތަކުގެ ތެރެއިން ރައީސް ބޭނުންފުޅުވާ ގޮތަށް، ދައުލަތުގެ ކަންކަންކުރުމަށް. އަދި ހަމައެހެންމެ ރައީސާ ދޭތެރޭ ރައްޔިތުން ނަފުރަތުކުރާނެ ކަންކަން ނުކުރުމަށް. ނޫންނަމަ ތިބޭނީ އެހެންބަޔެއް. ތިމަންމެނެއްނޫން." މުއިއްޒު އަދުނާން ކުރެއްވި ޕޯސްޓުގައިވެއެވެ.

މީގެއިތުރުން މީގެ 75 އަހަރު ކުރިން ވީކަމެއްވެސް މުއިއްޒު އަދުނާނު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެދުވަސްވަރު އަންހެނަކު ކައިވެނީގެ ބޭރުން ބަނޑުބޮޑުވި މައްސަލެއެއްގެ ޝަރީއަތުގައި ތިމަން ބަނޑުބޮޑުވީ މިވެނި ވަޒީރު ބޭފުޅަކަމަށް ބުނެ ބުހުތާން ދޮގުތަކެއް ހެދިކަމަށް ވިދާޅުވިއެވެ. އެބޭފުޅާ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރުމުން މުތުލަގަށް އިންކާރު ކުރައްވިކަމަށާއި އެވަޒީރު ކޯފާއިސްވެ އެ އަންހެން މީހާއަކަށް އެއްވެސްކަމެެއް ނުކުރުއްވިތާ އެއްޗެހި ވިދާޅުވެ، އަބުރުކަތިލައްވާ ނަހައްދަވާކަމަށްވެސް އެ ވާހަކަ ކިޔާދެއްވި މީހާއާ ހަވާލާދެއްވާ މުއިއްޒު އަދުނާން ވިދާޅުވިއެވެ. 

" ކުރެއްވިހާވެސްކަމަކީ އޭރު ހުންނެވި އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އަރިހަށް ވަޑައިން، އެފަދަ ދޮގުހެމަކީ ބޮޑުވެގެންވާ ހަރާންކަމެއްކަމާއި ދެންވެސް ރަނގަޅު ވެގެންވަނީ ތައުބާވެ، ފާފަފުއްސެއުމަށް އެދި ﷲ އަށް ދުއާ ދެންނެވުންކަމާއި އޭނާއަށް މާފުކޮށްފިކަން އަންގަވާ ދެއްވާ، އަންހެންމީހަށް ނަސޭހަތް ދެއްވުމަށް އެދިވަޑައިގަތީ." މުއިއްޒުގެ ޕޯސްޓުގައިވެއެވެ.
ވަޒީރު ވިދާޅުވިގޮތަށް އުއްތަމަ ފަނޑިޔާރު އެކަން ކުރެއްވުމުން އެ އަންމިީހާ އެއީ ދޮގެއްކަމާއި އެކަންކުރީ މިވެނި ބޭފުޅަކު ވިދާޅުވެގެންކަމަށް ބުނިކަންވެސް މުއިއްޒު އަދުނާން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހުންނަނީ ރިވެތި އަހްލާގާއި ކެތްތެރިކަމުގެ އައުލާ މިސާލުކަންވެސް މުއިއްޒު އަދުނާން ވަނީ ފާހަގަކުރައްވާފައެވެ. 
"ބުއްދިއާއި ފިކުރު ނެތީވިއްޔާ އިލްމަކުން ފައިދާއެއް ނުކުރާނެއެވެ." މިހުންނަނީވެސް މޮޅުބަސްބަހެވެ." މުއިއްޒު އަދުނާން ލިޔުއްވާފައިވެއެވެ.

ޝަހީމްގެ އެ ޕޯސްޓާއި ގުޅިގެން މީހުން ފާޑުކިޔަން ފެށުމުން ޝަހީމް މިހާރު ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް