ads
20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ރުހުންދީފި
އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު ޕީއެންސީގެ މެޖޯރިޓީން ފާސްކޮށްފިއެވެ.
Advertisement

އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައަޅާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއުއެވެ. 

މި ބިލު މިއަދު މަޖިލީހުން ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. މި ބަދަލު ގެންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓުދެއްވިއެވެ. މި  ބިލަށް މަޖްލީހުގެ ރިޔާސަތުންވެސް ވަނީ ވޯޓްދެއްވާފައެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވޯޓް ދެއްވީ އަތޮޅޫ ކައުންސިލްތައް އުވާލަން ފެންނަކަމަށެވެ. 

ސުޖާއު ހުށައެޅި މި ބިލުގައިވަނީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރާށެވެ.  އެއީ އަތޮޅު ކައުންސިލް އުފެއްދުމަށް ރައީސްއަށް ދީފައިވާ ބާރެވެ. އޭރުން އަތޮޅު ކައުންސިލް އުފެއްދުމުގެ ބާރެއް އެއްވެސް ރައީސަކަށް ނުލިބޭނެއެވެ. 

މީގެއިތުރުން ގާނޫނު އަސާސީގައި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ 231 ވަނަ މާއްދާގެ ހ. ގެ ތިންވަނަ ނަމްބަރާއި އެ މައްދާގެ ށ. ގައި އަތޮޅު ކައުންސިލް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާވެސް އުވާލަން ވަނީ ހުށައަޅާފައެވެ. 

އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަށް ވޯޓްލާން ނުޖެހޭނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގްސަޓްމަހުގެ 20 ވަނަ ދުވަހު ވިދާޅުވެފައެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވި ޒިޔާރަތުގައި މަތިވެރީ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި އެހެންކަމުން ޤާނޫނު އަސާސީއަށް އިސްލާހް ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ. 

" ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ޤާނޫނު އަސާސީ އިސްލާޙްކުރާނަން. އިސްލާހް ނުކޮށް އަތޮޅު ކައުންސިލް އުވާލުމެއް ނެތް ވާކަށް." މިދިޔަ އޮގަސްޓްމަހުގެ 20 ވަނަދުވަހު އއ. މަތިވެރީގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މަސައްކަތް ކުރާނީ ސީދާ ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތަކާ ގުޅިގެންކަމަށް ރައީސް ވަނީ  މުއިއްޒު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް