ads
ރައްޔިތުންނާ ބައްދަލުކުރުމުގެ ހަރަކާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.
އަރަބިއްޔާ ބިމުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް ހަދަނީ
ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި، އެތަނުގައި ސައިކަލު ޕާކިންއަށް ހާއްސަ ތަނަކާއި، ކޮމިއުނިޓީ ޕާކަކަށް ތަރައްގީ ކުރައްވަން ވިސްނަވާފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްކޫލު ތަޅާލައި އެ ތަނުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެތަނުގައި ޕާކެއް ހެދުމުން، ކައިރި ސްކޫލުތަކުގައި އުޅޭ ކުދިންނަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އަދި ޕާކު ތަރައްގީކުރާނީ ދަރިވަރުން ބަލާ ސްކޫލު ދޮށަށްދާ ބެލެނިވެރިންނަށް ވެސް އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ މުޅި ގޯއްޗަކީ 11،000 އަކަފޫޓުގެ ގޯއްޗެއް، އެތަނުގައި އެންމެ ބޮޑު ސަރަހައްދެއް ޕާކިންއަށް ބޭނުން ކުރުމަށް ކަނޑައެޅުމުގެ އިތުރަށް، ޕާކެއް، ކުޑަކުދިންނަށް ނޫނިއްޔާ ސްކޫލްތަކަށް އަންނަ ކުދިންނަށް ބެލެނިވެރިންނަށް ވެސް ބޭނުންކޮށްލެވޭ ކަހަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްގީ ކުރުން، ޕާކިން އާއި ކޮމިއުނިޓީ ޕާކަކަށް، ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް ދެ ލެވެލްއަކަށް އަންނަ ކަހަލަ ތަރައްގީގެ މަޝްރޫއެއް ހިންގަން،". ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި، މާލޭގެ ރައްޔިތުންނަށް ބޭނުންވާ އަދި ކޮށްދޭން ޖެހޭ ހުރިހާ ކަންތައްތަކަކީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި މުވައްސަސާތަކުން ވަރަށް ސަމާލުކަން ދީގެން ކޮށްދޭ، އަދި ކޮށްދޭން މަސައްކަތް ކުރަމުންދާ ކަންކަން ކަމަށެވެ.

ރައީސް ވިދާޅުވީ، މައްޗަންގޮޅި އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ސަމާލުކަންދެއްވާނެކަމަށެވެ. އެގޮތުން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީވެސް މުހިއްމު މަސައްކަތެއްކަމަށް ވިދާޅުވި އެވެ.

ރައީސް ގެންދަވަނީ ރައްޔިތުންގެ އަޑުއެއްސެވުމަށް ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ޝުއޫރު އަޑުއައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަންދެއްވަމުންނެވެ. ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދެވި ދަތުރުފުޅުތަކަށްފަހު މިހާރު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެކި ދުވަސްތަކުގައި އަންނަނީ ބައްދަލުކުރެއްވުންތައް ބާއްވަމުންނެވެ. މިފަދަ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންދެވީ ވިލިމާލޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް