އެ އިމާރާތް ތަޅާލުމަށް ފަހު އެ ބިމުގައި ހަދާނީ އާންމުންނަށް ބޭނުން ކުރެވޭނެ ހިތްފަސޭހަ ޕާކަކާއި، އެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ޕާކިން ޒޯނެއް ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި މަސައްކަތާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދޮޅު މަސް ދުވަހުގެ ތެރޭގައި އެ އިމާރާތް ތަޅާލައި ބިން ސާފުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލައި ގެއްލުންވުމުން، ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ކުރިން ބަދަލު ކުރީ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ. ނަމަވެސް މިހާރު ކިޔަވައިދެނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ އިމާރާތުގައެވެ. އަރަބިއްޔާގެ ދާއިމީ އާ ސްކޫލް އެޅުމުގެ މަސައްކަތް މާލޭގެ އެކުވެނި ދަނޑާ ޖެހިގެން އޮތް ބިމުގައި މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން މާލޭގައި ހުރި ބާ އިމާރާތްތައް ތަޅާލުމުގެ މަޝްރޫއުގެ ދަށުން މީގެ ކުރިން ވެސް ހަތަރު ތަނެއް ތަޅާލާފައިވާކަން ފާހަގަ ކުރެވެއެވެ.