މިމަހުގެ އެއް ވަނަ ދުވަހު ހުޅުވި މި ފަންޑަށް މިހާތަނަށް އެއް ލައްކަ ނުވަދިހަ ހާސް ރުފިޔާ ވަނީ ލިބިފަ އެވެ.
މިއަދު މެންދުރުފަހު ނޭޝަނަލް އެމެޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ރެޑްކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަން ރެޑްކްރެސަންޓް މައިގްރެންޓް ވޯކާސް ރިލީފް ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވާފައިވާ ކަމަށެވެ.
އެގޮތުން އެހީތެރިކަމަށް ބޭނުންވެފައިވާ ބިދޭސީންނަށް އެހީތެރިވުމަށް މި ފަންޑު ހުޅުވިއިރު ނާޝިދު ވިދާޅުވީ މޯލްޑިވްސް ރެޑްކްރެސަންޓުން އަންނަނީ ކާބޯތަކެއްޗަށް ބޭނުންވެފައިވާ ފަރާތްތަކަށް އެތަކެތި އަދި ދިރިއުޅޭ ތަނުގައި ކެއްކޭނެ އިންތިޒާމު ހުރި ނަމަ ކާޑުގެ ބާވަތްތައް ވެސް އެފަދަ ތަންތަނަށް ފޯރުކޮށްދެމުން ކަމަށެވެ.
އޭގެ އިތުރުން ވިދާޅުވީ ކަރަންޓީން ނުވަތަ ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާ ބިދޭސީންނަށް ސާފު ތާހިރުކަމަށް ބޭނުންވާ ހައިޖިން ކިޓްސް ވެސް ހަދިޔާކުރަމުން ކަމަށެވެ.
މޭ މަހުގެ ނިޔަލަށް ހުޅުވާފައި މިވާ ފަންޑަށް އެންމެ ފަސޭހައިން ފައިސާ ހަދިޔާކުރެވޭނީ މޯލްޑިވްސް ރެޑްކްރޮސެންޓުގެ ޑޮނޭޓް ބަޓަން ބޭނުންކޮށްގެން ކަމަށާއި އަދި ވެބްސައިޓުގައިވާ އެކައުންޓް ނަމްބަރުތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުން އަންނައިރު ސަރުކާރުން އަންނަނީ ހާއްސަކޮށް މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. މިގޮތަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ތޮއްޖެހިގެން ދިރިއޫޅޭ ތަންތަނުގައި އުޅޭ ބިދޭސީންނެވެ.