ނަލަ މޯލްޑިވްސް ރިސޯޓު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ޗަމްޕާ ގްރޫޕްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އެވެ.
އެ ރަސްމިއްޔާތުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާޕާސަން ސާރާ މޫސާ ވިދާޅުވީ، ނަލަ މޯލްޑިވްސް ތަރައްގީކޮށްފައިވަނީ ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ، ޒަމާނީ ފަތުރުވެރިކަމުގައި ވާދަކޮށްލެވޭ ފެންވަރުގައި ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމްގެ ވާހަކައިގައި ކްރައުން އެންޑް ޗަމްޕާއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އީޖާދީ އެއް ކުންފުނީގެ ގޮތުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
އޭގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމުގައި އެ ކުންފުނިން ކުރާ މަސައްކަތް ފާހަގަކުރައްވައި ތޯރިގު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިއަދު ހުޅުވި ނަލަ މޯލްޑިވްްސްއާ އެކު، ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު 11 އަށް އެރީ އެވެ. ނަލަ ރިސޯޓުގައި ހުންނަ ޖުމްލަ 80 ވިލާގެ ތެރޭ ހިމެނެނީ 20 ސަންރައިސް ބީޗް ވިލާއާއި އަށް ރޮމެންޓިކް ބީޗް ވިލާއާއި 22 ސަންސެޓް ބީޗް ޕޫލް ވިލާއާއި 30 އޯޝަން ޕޫލް ވިލާ އެވެ.