މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިންނެވެ. މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ގައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި އެމް.ޑީ.ބީ.ތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވްގެ މި ބައްދަލުވުމަކީ، ސަރުކާރުތަކުގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރައީސް މުއިއްޒު އެންމެ ފަހުން އިނގިރޭސި ވިލާތަށް ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ޖުލައި މަހު އެވެ. މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި އެ ދަތުރުފުޅުގައި ލަންޑަންގައި ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބާއްވައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތްޕުޅު ކުރެއްވި އެވެ.