މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ބައެއް ފަރާތްތަކުން ހުށަހަޅާ ކަންކަމަކީ ހޯދަން ދަތި އަދި ބެލެހެއްޓޭނެ މައުލޫމާތުތަކެއް ނޫންކަން ފާހަގަކުރައްވައި، ރަސްމިއްޔާތުތަކުގައި ބައިވެރިން ކައިހަދާ މިންވަރު ބެލުމަށް ވެސް ހުށަހަޅާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Advertisement
މިނިސްޓަރު މިފަދައިން ވިދާޅުވީ ގައުމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، ދާދި ފަހުން ލިބުނު ހުށަހެޅުމެއްގައި، ބޭއްވި ރަސްމިއްޔާތެއްގައި ކެއުމަށް ހަރަދުވި ވަރާއި ވަކިވަކި މީހުން ކެއި މިންވަރު ހޯދަން އެދިފައިވާ ކަމަށެވެ. އެގޮތުން ވަކި މީހަކު ކެއީ "ކިތައް ގުޅަ" ތޯ ބެލުމަކީ ބެލެހެއްޓޭނެ އަދި ހޯދޭނެ މައުލޫމާތެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް އާންމުކޮށް ހުޅުވާލެވިފައިވާ ޕޯޓަލް މެދުވެރިކޮށް، މިނިސްޓްރީގެ މެއިލްތަކަށް ރަސްމީކޮށް މިފަދަ ހުށަހެޅުންތައް އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް ދުވާލަކު އެތައް އާރުޓީއައި ހުށަހެޅުންތަކެއް ލިބޭކަމަށެވެ. މިކަމަށް ޖަވާބުދާރީވުމަށް އިންފޮމޭޝަން އޮފިސަރުންނާއި އެޕީލް އޮފިސަރުން ކަނޑައަޅައި، އެ މަސައްކަތް ކުރުމަށް ދައުލަތުން ބޮޑު ހަރަދެއް ހިނގާކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ތަރައްގީވެފައިވާ އެހެން ގައުމުތަކެކޭ އެއްގޮތަށް، މައުލޫމާތު ފޯރުކޮށްދިނުމަށް ވަކި ފީއެއް ނެގުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް އިހުސާން ވިދާޅުވިއެވެ.