އީސީން މިއަދު ހާމަކުރިގޮތުގައި އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ އަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހުކަމަށާއި އަދި އިންތިހާބަށާް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެކަމަށް އީސީން ބުންޏެ އެވެ.
އީސީން ބުނިގޮތުގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ މިފަހަރު ހުށައަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްނެވެ.
"މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅެއް. މީގެ އިތުރުން އެޕޯޓަލަށް މީހުން ފަރިތަކުރުމަށް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވޭ،" އީސީން ބުނެ އެވެ.
މިފަހަރުގެ އިންތިހާބުގެ އިދާރީ މަސައްކަތްތަކަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކޮމިޝަނުން ބުނެއެވެ.
އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ނިންމި އިރު މި ފަހަރުގެ އިންތިހާބުގައި އަތޮޅު ކައުންސިލުގެ ރައީސުން އިންތިހާބު ކުރުމެއް ނޯންނާނެ އެވެ. ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު ދެން ބާއްވާ ކައުންސިލު އިންތިހާބާއެކު އަތޮޅު ކައުންސިލު އުވިގެންދާނެ އެވެ.
ހަރަދު ކުޑަކުރުމަކީ ވެސް ބޭނުމެއް ކަމަށް ބުނެފައިވާ އިރު، ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމު އުވުމުން އުނިވެގެން ދަނީ 19 މަގާމެކެވެ. އަތޮޅު ކައުންސިލުގެ ރައީސެއްގެ މުސާރައަކީ މަހަކު 33000 ރުފިޔާ އެވެ.