މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ކަންބޮޑުވުންތަކެއް ހިއްސާކުރި މީހަކު ބުނީ ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ނަމަ ފަސްމިނިޓުގެ ތެރޭގައި ވެސް އެ މަނިކުފާނަށް އަމިއްލަފުޅަށް ކުރެއްވޭނެ ކަމެއް ކަމަށެވެ.
ޒުވާނާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިވަގުތު ވާނުވާ ބަންދުގައި ތިބި 347 މީހުންގެ ތެރޭގައި ހިމެނެނީ މީހުން މަރާފައި ހުރި ކަމުގެ ތުހުމަތު ކުރެވޭ 29 މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ 117 މީހުންނާއި، މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި ހިމެނޭ 70 މީހުންނާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހިމެނޭ 116 މީހުންނެވެ.
އަދި ވާނުވާ ބަންދުގައި ދެން ތިބީ މަނީ ލޯންޑްރިން، ވައްކަންކުރުން، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕްކުރުން، ހިޔުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން، ސްމަގްލް ކުރުން ފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، ވާނުވާގައި އެ ތިބީ ކުރީގައި ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭނގެ ވާނުވާ، މިހާރު ކޯޓުން މައުލޫމާތު ދެނީ ތާވަލު ކުރާނެ ދުވަސްތަކާއި ދެން އޮންނާނެ ދުވަސް، ކުރިއަށްވުރެ މާ ރަނގަޅަށް ހިއްސާ ކުރަމުންދާ ވާހަކަ ކަމަށެވެ. އަދި މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒެއް ނުފޯރުވާނެ ކަަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި އަހަރު ހާމަކޮށްފައިވާ ގޮތުގައި ވާނުވާ ބަންދުގައި 417 މީހަކު އެބަ ތިއްބެވެ. ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރަން ގޮވާލާ އަޑުތައް މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އދ. އިން ވެސް ވަނީ ރާއްޖެއަށް ގޮވާލައިފަ އެވެ.