ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި 37 މީޑިއާތަކާ ގުޅިގެން 29 ގަޑިއިރަށް ކުރިޔަށް ގެންދިޔަ ޓެލެތޯނަށް ލިބުނީ 12.3 މިލިއަން ރުފިޔާ ( 800،352 ޑޮލަރު ) އެވެ. މި ފައިސާ ވަނީ މިމަހުގެ 2 ވަނަ ދުވަހު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
ދިވެހި ސަރުކާރުން މިއަދު ވަނީ ޓެލަތޯނުން ލިބުނު ފައިސާ ލަންކާ ސަރުކާރާ ހަވާލުކޮށްފައެވެ. މި ފައިސާ ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.
ލަންކާއަށް އެހީވުމަށް ދައުލަތުން ހަދިޔާކުރި 25،000 މަސްދަޅު ކޭސްވެސް މިއަދު ވަނީ އެ ގައުމާއި ހަވާލުކޮށްފައެވެ.
ޓެލަތޯނުން ލިބުނު ފައިސާގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފައެވެ. އެގޮތުން ސަން ކުންފުނިން ދެ ލައްކަ ޑޮލަރު ހަދިޔާކުރިއިރު ވިލާއިން ވަނީ އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ. މީގެއިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރު (770،000 ރުފިޔާ) އާއި ހަދިޔާކޮށްފައެވެ.