ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން "ދީތުވާ"ގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ 884،843 ޑޮލަރު (13.6 މިލިއަން ރުފިޔާ) އާއި އިންސާނީ އެހީ ލަންކާގެ ސަރުކާރާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.
ލަންކާއަށް އެހީތެރިވުމަށް ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ހިންގި ޓެލެތޯނުގައި، އާއްމުންނާއި ކުންފުނިތަކާއި އިދާރާތަކުން ވަނީ ގިނަ އަދަދަކުން ފައިސާ ހަދިޔާކޮށްފަ އެވެ.
އިއްޔެ ލަންކާ ސަރުކާރާ ހަވާލުކުރި ފައިސާގެ އެހީގެ ތެރޭގައި ދިވެހި ސަރުކާރުން ދިން ފައިސާގެ އެހީތެރިކަމާއި އާންމުންނާއި އެކި ކުންފުނިތަކުގެ އެހީގައި ޓެލްތޯނަށް ލިބުނު ފައިސާ ހިމެނެ އެވެ.
މި ތަކެތި ލަންކާގެ ސަރުކާރާ ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
އެގޮތުން، އިއްޔެ ހަވާލުކުރީ:
ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރު (771،000ރ.)
ޓެލެތޯނުން ލިބުނު 834,843.98 ޑޮލަރު (12.8 މިލިއަން ރުފިޔާ)
25،000 ކޭސް މަސްދަޅު (1.2 މިލިއަން ޑޮލަރުގެ އަގުހުރި)
ލަންކާގެ ރައީސް ޑިސަނަޔަކަ މި އަހަރު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދަންނަވާއިރު އަރިހުގައި ރައީސް މުއިއްޒު - ފޮޓޯ: މިހާރު
ލަންކާގެ ނޫހެއް ކަމަށްވާ "ސިލޯން ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތޫފާން "ދީތުވާ" ގައި ސްރީލަންކާއަށް ކުރިމަތިވި ގެއްލުންތަކާ ގުޅިގެން އެކި ގައުމުތަކާއި، ބައިނަލްއަގުވާމީ އިދާރާތަކާއި، އަމިއްލަ ފަރާތްތަކުން މާލީ އެހީގެ ގޮތުގައި 6.59 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ގައުމަށް ވަނީ ލިބިފަ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ދިވެހިރާއްޖެއިން ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައި ވެ އެވެ. އެގޮތުން ދިވެހިރާއްޖެއިން އެކަނި 2.4 މިލިއަން ޑޮލަރު އެހީގެ ގޮތުގައި އެ ގައުމަށް ވަނީ ލިބިފަ އެވެ.
އެމެރިކާއިން ވެސް ވަނީ ލަންކާ އާރާސްތުކުރުމަށް އެ ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ދެ މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
ލަންކާ ނޫސްތަކުން ރިޕޯޓުކުރިގޮތުގައި ޗައިނާ އިން 1.1 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ ސަރުކާރާއި ރެޑް ކްރޮސް މެދުވެރިކޮށް ލަންކާ ރެޑް ކްރޮސްއަށް ދިން 100،000 ޑޮލަރާއި ޗައިނާގެ ވިޔަފާރިވެރިން އެއްކުރި 32،500 ޑޮލަރުގެ އިތުރުން އިތުރު އިމަޖެންސީ އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ކަމަށެވެ. އިނގިރޭސި ވިލާތުން 675،000 ޔޫރޯ އަދި އޮސްޓްރޭލިއާ އިން ވެސް އެއް މިލިއަން ޑޮލަރުގެ އެހީ ދީފައިވެ އެވެ.
ތޫފާނާ ގުޅިގެން ލަންކާއަށް އެންމެ ފުރަތަމަ އެހީވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިން ދިން މި އެހީތެރިކަން ލަންކާގެ ސަރުކާރާއި، އެގައުމުގެ ރައްޔިތުން ވެސް ފާހަގަކޮށް، ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ސްރީ ލަންކާގައި ފެން ބޮޑުވެފައިވާ މަގެއްގައި އޮޓޯރިކްޝޯއެއް ފެނު އަޑީގައި: ވިއްސާރާގައި ލިބުނު ގެއްލުން ވަރަށް ބޮޑު. - ފޮޓޯ: އޭއެފްޕީ
ތޫފާނުގައި ވެފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ލަންކާއިން ކުރަމުން އަންނައިރު ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 607 އަށް އަރައިފަ އެވެ. އަދި ގެއްލިފައިވާ 346 މީހުން ފެނިދާނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.
ތޫފާނުގެ ސަބަބުން 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުން ވެފައިވާ ކަމަށާއި 200،000 މީހުން ވަނީ ސަރުކާރު ހިންގާ ހިޔާތަކަށް ގެންގޮސްފައި ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ.
ދިވެހީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުން ބޭއްވި އެއްވުމުގެ ތެރެއިން - ފޮޓޯ: ސަން
ސްރީ ލަންކާ އަލުން އާރާސްތުކުރުމަށް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަންނާ ސަރުކާރުން ވަނީ އަންދާޒާކޮށްފައި އެވެ. ލަންކާއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް 200 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ހޯދުމަށް އެ ގައުމުން މިހާރު ވަނީ ހުށަހަޅައިފަ އެވެ. މި ކަން ހާމަކޮށްފައި ވަނީ ބައިނަލްއަގްވާމީ މާލީ އިދާރާއެއް ކަމުގައިވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު)ންނެވެ.