އެ ކޮމިޝަނުން ސަރުކާރުގެ ގެޒެޓުގައި އާންމުކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޝަނަކުން ވަޒީފާ އާއި ގުޅުން ދާއިރާ އަކުން ލެވެލް 7 ނުވަތަ 8 ގެ ބެޗެލާސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ އަދި ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޝަނަކުން ކަމާއި ގުޅުން ހުރި ދާއިރާއަކުންން ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެ ކަމުގަ އެވެ.
މި މަގާމަށް މީހަކު ހޮވުމުގައި ތައުލީމީ ފެންވަރުގެ އިތުރުން އިސްނެގުމަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖުރިބާއަށް އަދި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ބެލޭނެ ކަމަށާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ހީލަތްހެދުމާއި، ހިޔާނާތާއި، ރިޝްވަތުފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަންގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތް މީހަކަ ވާން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި ވަޒީފާ އަށް އަސާސީ މުސާރައެއްގެ ގޮތުގައި 20,500 ރުފިޔާ ލިބޭ އިރު ލިވިންގް އެލަވަނަސެއްގެ ގޮތުގައި 15000 ރުފިޔާ ލިބޭނެ ކަމަށާއި ފޯނު އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ލިބޭނެ ކަމަށް އެ ކޮމިޝަނުގެ އިއުލާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި މި ވަޒީފާ އަކީ 5 އަހަރުގެ މުއްދަތަކަށް ދެވިގެންދާނެ ވަޒީފާއެއްކަމުގައި އެވެ.
އެ ކޮމިޝަަނުން ބުނީ މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 14 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ކަމަށް އެދޭ ހުރިހާ ޑޮކިއުމަންޓެއް އެ ކޮމިޝަނަށް ހުށަހެޅުމަށެވެ