އޭނާގެ އެންމެ މަޝްހޫރު މަސައްކަތް ކަމަށްވާ "ދަ ލާސްޓް ރިސޯޓް" ގައި ހިމެނޭ ފޮޓޯތަކަކީ ނިއު ބްރައިޓަން ސަރަހައްދުގެ އާންމު ރައްޔިތުންގެ ދިރިއުޅުން ދައްކުވައިދޭ ފޮޓޯތަކެކެވެ. މި ފޮޓޯތަކުން ފެންނަނީ މީހުން އައިސްކްރީމް ކެއުމާއި، ކުނިބުނި ހުންނަ ތަންތަނުގައި މީހުން އުޅޭ މަންޒަރާއި، އަދި އާދައިގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. މި ފޮތުގެ ސަބަބުން އޭނާއަށް މަޝްހޫރުކަން ލިބުނު ނަމަވެސް، ފުރަތަމަ ކޮޅު ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.
ލިވަޕޫލްގައި ބޭއްވި މައުރަޒެއްގައި މި ފޮޓޯތައް ދައްކާލުމުން ތަރުހީބު ލިބުނު ނަމަވެސް، ލަންޑަންގެ ސާޕެންޓައިން ގެލެރީގައި މި ފޮޓޯތައް ދެއްކުމުން ބޮޑެތި މައްސަލަތަކެއް އުފެދުނެވެ. ފާޑުކިޔާ މީހުން ބުނި ގޮތުގައި މާޓިން ޕާ ވަނީ މަސައްކަތްތެރި އާންމު ރައްޔިތުންނަށް މަލާމާތްކޮށް، އެމީހުންނަކީ ތަހުޒީބު ނުވާ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާއަކީ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވާތީ، އާދައިގެ މީހުންގެ ދިރިއުޅުން ދައްކުވައިދިން ގޮތާމެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
ލާސްޓް ރިސޯޓު
ނަމަވެސް މިއީ އިންސާފުވެރި ފާޑުކިޔުމެއް ނޫން ކަމަށް އޭނާ ދެކުނެވެ. މާޓިން ޕާގެ ފޮޓޯ ނެގުމުގެ ޝައުގުވެރިކަން އުފެދުނީ އޭނާގެ ކާފަ، ޖޯޖް ޕާގެ ސަބަބުންނެވެ. ކާފަޔާއެކު ހޭދަކުރި ޗުއްޓީތަކުގައި އޭނާއަށް އުތުރުގެ ހިސާބުތަކަށް ހާއްސަ ލޯތްބެއް ޖެހުނެވެ. ސިވިލް ސާވިސްގައި މަސައްކަތްކުރި ޑޮނަލްޑް ޕާ އާއި ޖޮއިސްއަށް އުފަން މާޓިން ޕާ ބުނެފައިވާ ގޮތުގައި އޭނާގެ ފޮޓޯތަކަކީ މަލާމާތެއް ނޫނެވެ. އަދި އެއީ މުޖުތަމައުގެ ހަގީގަތް ޅެމެއް ފަދަ ރީތި ގޮތެއްގައި ދައްކުވައިދިނުމަށް ކުރި މަސައްކަތެކެވެ.
މާޓިން ޕާގެ މަސައްކަތްތަކަކީ ފޮޓޯގްރަފީގެ ދާއިރާއަށް ގެނައި ބޮޑު ބަދަލެކެވެ. އޭނާގެ ފޮޓޯތަކުން އާންމު ދިރިއުޅުމުގެ ކުލަވަރުތައް ގެނެސްދިން ގޮތަކީ ގިނަ ބަޔަކު ބަލައިގަތް ކަމެކެވެ. ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އޭނާ ގަބޫލުކުރި ގޮތުގައި ދެކުނުގެ މީހުންނަށްވުރެ އުތުރުގެ ރަށްރަށުގައި އޮތް މުޖުތަމައުގެ ގުޅުން މާ ވަރުގަދައެވެ. މާޓިން ޕާ ނިޔާވުމަކީ ފޮޓޯގްރަފީގެ ދުނިޔެއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.