މަނަދޫގައި ބިނާކުރި މިސްކިތް ހުޅުވުމަށް މިއަދު ވަނީ އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެ މިސްކިތް ހުޅުވާދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދު ﷲ ސައުދާންއެވެ.
މަނަދޫގައި އެޅި 700 މީހުންގެ ޖާގައިގެ މިސްކިތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކުރި މިސްކިތެކެވެ.
މިސްކިތްތައް ހުޅުވަން ރަސްމިއްޔާތުތައް ނުބާއްވާނެކަމަށްް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިދިޔަ އޮކްޓޫބަރު މަހު ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ މިސްކިތްތައް ހުޅުވަން މާ ބޮޑެތި ރަސްމިއްޔާތުތައް ބާއްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި މިސްކިތްތަކަކީ އަޅުކަން ކުރަން ގާއިމުކުރާ ބިނާއެއް ކަމަށާއި އެއީ ރޫހާނީ މަރުކަޒުތަކެއް ކަމުން އެ ތަންތަން ހުޅުވަން މާ ބޮޑު ރަސްމިއްޔާތުތަކެއް ބޭއްވުމަކީ ކުރަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ދިއްދޫގައި ގާއިމު ކުރި އިސްލާމީ މަރުކަޒު ހުޅުވުމަށާއި އެ މަރުކަޒުގެ ހުރި ބައެއް ތަންތަން ހުޅުވުމަށް އެކި ގަޑިތަކަށް ބަހާލައިގެން ހާއްސަ ރަސްމިއްޔާތުތައް ވަނީ ދާދި ފަހުން ބާއްވާފަ އެވެ.