މި ކުތުބުހާނާ ގާއިމްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އިސްލާމީ މަރުކަޒުތަކަށް ދިރުން ގެނައުމުގެ މަގުސަދުގަ އެވެ. މި ކުތުބުހާނާ ހުޅުވައިދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގެ ތެރެއިން ދިއްދޫ އިސްލާމީ މަރުކަޒު ވެސް ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ. އެ މަރުކަޒު ހުޅުވައިދެއްވީ މިނިސްޓަރު ޝަހީމް އެވެ.
އާކޮށް ހުޅުވި މި ކުތުބުހާނާގައި ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ލިޔެފައިވާ ތަފާތު އެކި ދީނީ އަދި އިލްމީ ފޮތްތައް ވަނީ ބަހައްޓާފަ އެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ކުތުބުހާނާގެ ސަބަބުން ދިއްދޫގެ ރައްޔިތުންނަށް، ހާއްސަކޮށް ޒުވާނުންނަށް، ދީނީ އިލްމު އުނގެނުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.