ރަސްމާލެ މަޝްރޫއުއަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ މުހިންމު މަޝްރޫއެވެ. ޖުމްލަ 1،100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު، 2023 ގައެވެ.
އެޗްޑީސީއިން މިރޭ ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެޗްޑީީސީން ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ ސްޕީޑް ތިން ގުނަ ހަލުވި ކުރި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.
ބޮޑު ޑްރެޖަރު ގެނެސް މަސައްކަތް ހަލުވި ކުރިއިރު ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން އޮތީ ހިއްކައިފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެކެވެ.
ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.
މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ވެސް ހަލުވި ކުރުމަށް މިދިޔަ ހަފުތާގައި ބޮޑު ޑްރެޖަރެއް ގެނެސް ބިން ހިއްކަން ފަށައިފަ އެވެ. އެ މަސައްކަތުގެ ސްޕީޑު އަވަސް ކުރުމުން މި ޑިސެމްބަރު މަހުގެ ނިޔަލަށް އެތަން ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ހުޅުމާލޭ 3 ހިއްކާ ނިމުމުން، އެ ޑްރެޖަރު ބޭނުންކުރަނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށާއި އެ ތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.