މި ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ވަނީ ހަމަޖެހިފައެވެ.
މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް އިންތިހާބު ކުރާ 681 މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވާ 681 މެންބަރުންނެވެ.
މި ފަހަރުގެ އިންތިހާބު ކުރިއަށް ދާނީ ގާނޫނީ ގޮތުން ގެނައި ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. އެގޮތުން އާބާދީ ދެ ހާހަށްވުރެ ކުޑަ ރަށްތަކަށް ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު، މި އިންތިހާބަށް ފަހު އަތޮޅު ކައުންސިލްތައް އުވިގެން ދާނެކަން ކޮމިޝަނުން ފާހަގަ ކުރެއެވެ. އަދި އާބާދީގައި ދެ ހާހަށްވުރެ ގިނަ މީހުން ހިމެނޭނަމަ ފަސް ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫއަށް ވަކި ކައުންސިލްތަކެއް ކަނޑައަޅައި، އެ ދެ ރަށުގައި މެންބަރުން ހޮވުމަށް ހަމަޖެހިފައިވާކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާތައް ބަލައިގަތުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ޝަކުވާ ހުށަހެޅުމަށް ކޮމިޝަނުގެ އިދާރާއަށް ނުވަތަ މެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.