މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ލޯކަލް ކައުންސިލް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ދޭ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އިންޓާނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުން އަންނަ އިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ ރައްކާތެރިވުމަށް ޓަކައި ދުރާލައި ކުރަން ޖެހޭ ކަންތައްތަކަށް މަގުފަހިކުރުމެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތަޖުރިބާތައް ޙިއްސާ ކުރުމަަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްތައް ތައްޔާރު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ މައްސަލަތައް ހައްލުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ އެވެ.
މީގެ އިތުރުން އަމަލީ ގޮތުން އޮޑިޓް ކުރުމާއި، އޮޑިޓް ރިޕޯޓު ހެދުމުގެ މަސައްކަތު ބައްދަލުވުންތައްވެސް މި ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކޮންފަރެންސް ފެށުމަށް މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙާއްމަދު ނިމާލް ވިދާޅުވީ، މި ކޮންފަރެންސަކީ ކައުންސިލްތަކުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކޮށް، ކައުންސިލްތަކުގެ މަސައްކަތްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް އެހީތެރިވުމަށް ބާއްވާ ވަރަށް މުހިންމު ކޮންފަރެންސެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އައިއޭއޭގެ ޗެއާޕާސަން މިފްޒާލް އާދަމް ވަނީ މި ކޮންފަރެންސްގައި ކުރިއަށްދާނެ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން މި ސެޝަންތަކުގައި އިންޓާނަލް އޮޑިޓެއް ރާވާނެ ގޮތްތަކާއި، އޮޑިޓްގެ މަސައްކަތް ކުރާނެ ގޮތްތައް ފަދަ ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މައުލޫތަކަށް ވާހަކަދައްކަވާ މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިފްޒާލް ފާހަގަކުރެއްވި އެވެ.
ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަރނަލް އޮޑިޓް ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މޮނިޓަރިން އަދި އޮޑިޓް ކުރާ ފަރާތްތައް ހިމެނޭގޮތަށް 47 މީހުން ވަނީ ބައިވެރިވެފަ އެވެ.