އުމުރުގެ ގޮތުން ބޮޑު ތަނުން ތަފާތު ދެ ލޯބިވެރިޔެއްގެ މެދުގައި ކުރި ޒުވާބެއް ހޫނުވެ, އެކަކު އަނެކަކަށް ހަމަލާދީ ޒަހަމްކޮށްލީ އިއްޔެއެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިނގީ އުމުރުން 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާ ދެމެދު ކަމަށެވެ. އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހިމެނޭ 32 އަހަރުގެ އަންހެން މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާދީފައިވާކަމަށެވެ.
މި މާރާމާރީގައި ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. އަދި ދެމީހުންވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.