ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
ބޮޑުކަންނެލި ޕްރޮސެސްކުރާތަން ހަދަން އަންނަ މަހު ފަށާނެ: މިނިސްޓަރު
ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ހުޅުމާލޭގައި ހަދާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ބޮޑު ކަންނެލީގެ މަސްވެރިންނަށް މި ސަރުކާރުން  ވީ ވަޢުދުތައް ނުފުއްދާކަމަށް ބުނެ ކަންނެލީގެ މަސްވެރިން މިއަދު ހެނދުނު ފެށިގެން އިހްތިޖާޖު ކުރަމުން ދަނިކޮށެވެ. ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތައް އިހްތިޖާޖު ކުރަމުން ދަނީ  މާލެ ނެރޭ ދިމާލުން ހުރަސް ތޮށީގެ ބޭރުގައި ދޯނިތައް އަތުރާލައިގެން ތިބެއެވެ. 

ކަންނެލި މަަސްވެރިން ކުރަމުން އަންނަ އިހްތިޖާޖަށް ޖަވާބު ދެއްވުމުގެ ގޮތުން މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެންދާތީ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވުން ކަމަށެވެ. 

މިކަމަށް ހައްލެއް ގެނައުމަށް  ބޮޑުކަންނެލީގެ މަސްވެރިންގެ ހުށަހެޅުމަކީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ކަންނެލީގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ތަންފީޒުކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. 

މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރުން ހުރިހާ މަސްވެރިންގެ ކަންކަން ހައްލުކޮށްދޭނެ ކަމަށާއި މަސްވެރިންނަށް އޮތީ އުފާވެރި ދުވަސްތަކެއްކަމަށެވެ.

"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.


ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް