އޭނާ މަރުވިއިރު އުމުރަކީ 55 އަހަރެވެ.ސޯފީ ނިޔާވެފައިވަނީ ސިކުނޑީގެ ކެންސަރާ ހަނގުރާމަ ކުރުމަށްފަހު އިނގިރޭސިވިލާތުގައި ހުންނަ އޭނާގެ ގޭގައެވެ. މި ހިތާމަވެރި ހަބަރު އޭނާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައެވެ.
އިނގިރޭސިވިލާތަށް އުފަން ސޯފީގެ ހަގީގީ ނަމަކީ މެޑެލިން ސޯފީ ވިކަމްއެވެ. އޭނާ ވަނީ ލިޔުންތެރިކަމުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
އޭނާގެ ފޮތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 50 މިލިއަނަށްވުރެ ގިނައިން ވިކިފައިވާއިރު، 40 އަށްވުރެ ގިނަ ބަހަށް އެ ފޮތްތައް ވަނީ ތަރުޖަމާކުރެވިފައެވެ.ސޯފީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ "ޝޮޕަހޮލިކް" ގެ ނަމުގައި ލިޔުނު ވާހަކަ ސީރީޒްއިންނެވެ. މި ވާހަކައިގެ މައްޗަށް ބިނާކޮށް ހޮލީވުޑް ފިލްމެއް ވެސް ވަނީ އުފައްދާފައެވެ. މީގެ އިތުރުން ވެސް ލޯބީގެ މަޖާ ވާހަކަތައް ލިޔުމުގައި އޭނާއަކީ ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ.
ސޯފީ މަރުވިއިރު އޭނާގެ ފިރިމީހާ ހެންރީ ވިކަމް އާއި ފަސް ކުދިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ ވަކިވުމާ ގުޅިގެން ލިޔުންތެރިކަމުގެ ދާއިރާގެ ގިނަ ބަޔަކާއި އޭނާގެ ފޭނުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އާއިލާއިން ބުނި ގޮތުގައި، ބަލިހާލަތު ތަންނުދިން ނަމަވެސް ސޯފީ ދިރިއުޅުމާ ކުރިމަތިލީ ވަރަށް ހިތްވަރާއެކު ކަމަށާއި، ލިބުނު ކާމިޔާބީއާއި ލޯތްބަށް އޭނާ އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ.
ސޯފީގެ ހަނދާންތައް އާކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން އަންނައިރު، އޭނާ ދޫކޮށްފައި ދިޔަ އަދަބީ ތަރިކައަކީ ދުވަހަކުވެސް ފަނޑުވުމެއް ނެތް އެއްޗެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.