އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރެޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ފެންމަތިވުމާ އެކު، 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ލޮޓަސްގެ ވެރިޔާ އާރިފާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ ދިގަލި ހައްޔަރުކުރީ އެކަމަށް ފަންޑް ކުރުމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގެ ތުހުމަތުގައި އާއްޓޭ އާއި ދިގަލި, ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ. އެއަށް ފަހު ކޯޓުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައެވެ. އެ ދެ މީހުންނަށް ތުހުމަތު ކުރަނީ މި ވައްކަމަށް ފަންޑު ކުރި ކަމަށެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެ މީހުންގެ މައްޗަށް ކުރެވޭ ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު އެ އޮފީހުން މިއަދު ވަނީ މުރާޖަޢާކޮށްފައި ކަމަށެވެ.