ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ ނ. އަތޮޅުގައި މަޝްރޫއެއް ހިންގުމަށެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތްކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް އަމާޒު ކޮށްގެންނެވެ.
މި ޓައުންޝިޕްގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ހިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެ އެވެ. މީގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައްވެސް މި ޓައުންޝިޕްގައި ހިމެނެ އެވެ. އޭގެ ތެރޭގައި، ރާއްޖެއަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަރޝިޕް ސްކޫލެއް ހިމެނެ އެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެ އެވެ.
ކްރިސްޓަލް ހޯލްޑިންގްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްގެން ޓައުންޝިޕެއް ތަރައްގީކުރާނީ ނ. އަތޮޅުގައި ކަމަށާ އެކަމަށް ބޭނުންވާ ބިން މިހާރު އޮތީ ހިއްކާ ވެސް ނިމިފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަސްޓެއިނަބުލް ޓައުންޝިޕެއްގައި ނަމަ ރަނގަޅު ފެންވަރަކަށް ހިދުމަތްދޭ މެޑިކަލް ފެސިލިޓިއެއް ހުންނަން ޖެހޭ އިރު ކްރިސްޓަލް އިން ތަރައްގީކުރާ ޓައުންޝިޕްގައި" އެހެން ބަޔަކަށް ނުދެވޭ ވަރުގެ ފެންވަރު ރަނގަޅު" ހިދުމަތެއް ގާއިމްކުރަން ސަރުކާރުން އެދިފައިވާނެ ކަމަށެވެ.
މި މަޝްރޫއަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވާއިރު، މިއީ ގައުމީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި 2028 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓް ހިންގަން ފެށޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މަތީ ފެންވަރުގެ ވަޒީފާގެ ފުރުސަތުތައް އުފައްދައި، ސަރަހައްދީ އިގްތިސާދީ ހަރަކާތްތައް ސިންދަފާތުކޮށް، ދިގު މުއްދަތަށް ރާއްޖޭގައި މަޑުކުރާނެ ފަތުރުވެރިންނާއި މުއްސަނދިން ގެނެސް، ގައުމީ ތަރައްގީގެ ފުޅާ މަގުސަދުތަކަށް އެހީތެރިވެދޭނެ ޕްރޮޖެކްޓެކެވެ.