ads
އަކްޝޭގެ ތިންވަނަ ކޮއްކޮއެއް ހުންނަކަން އެނގޭތަ؟
އަކްޝޭގެ ތިންވަނަ ކޮއްކޮއެއް ހުންނަކަން އެނގޭތަ؟
ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަކްޝޭ ހާން މި ދުވަސްވަރު ސޯޝަލް މީޑިއާ އާއި ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަނީ އާދިތިޔަ ދާރު ޑައިރެކްޓުކޮށްފައިވާ ފިލްމު "ދުރަންދަރު" ގައި އޭނާ ދައްކުވައިދީފައިވާ މޮޅު ހުނަރާ ގުޅިގެންނެވެ.
Advertisement

އަކްޝޭ ހާން އަކީ ބޮލީވުޑްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އަކްޝޭ އާއެކު އޭނާގެ ބޭބެ ރާހުލް ހާން އަކީވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު މޫނެކެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ، މި ދެ ތަރިންގެ އިތުރުން ހަގަށް ހުންނަ ކޮއްކޮއެއް، ނުވަތަ ތިންވަނަ ފިރިހެން ކޮއްކޮއެއް ހުންނަކަމެވެ. މިއީ ސާކްޝީ ހާން އެވެ.

އަކްޝޭ ހާން އާއި ރާހުލް ހާން އަކީ ކުރީގެ މަޝްހޫރު ތަރި ވިނޯދު ހާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންނެވެ. ވިނޯދު ހާން ފުރަތަމަ ކައިވެނި ކުރީ ގީތަންޖަލީ އާއެވެ. ނަމަވެސް އެ ކައިވެނި ރޫޅުމަށްފަހު، 1990 ވަނަ އަހަރު ވިނޯދު ހާން ކަވީތާ އާ ކައިވެނި ކުރިއެވެ. ސާކްޝީ ހާން އަކީ މި ދެވަނަ ކައިވެންޏަށް ލިބުނު ދަރިއެކެވެ. އެހެންކަމުން ސާކްޝީ އަކީ އަކްޝޭ އާއި ރާހުލްގެ އެއްބަފާ ކޮއްކޮއެވެ. ސާކްޝީގެ އިތުރުން ޝްރައްދާ ހާން ކިޔާ އަންހެން ކޮއްކޮއެއްވެސް މި އާއިލާގައި ހުރެއެވެ.

ސާކްޝީ ހާން އާންމުކޮށް މީޑިއާގެ ސަމާލުކަމުން ދުރުގައި ހުންނަން ބޭނުންވި ނަމަވެސް، އޭނާ އަކީވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. ބޮލީވުޑްގެ ރިޕޯޓުތައް ބުނާ ގޮތުގައި ސާކްޝީ ވަނީ މީގެ ކުރިން ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ބަޖިރާއޯ މަސްތާނީ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި މިލަން ލުތުރިއާގެ ފިލްމަކުން އޭނާ އެކްޓިންއަށް ނުކުންނަން އުޅޭކަމުގެ ވާހަކަތަކެއްވެސް މީގެ އަހަރުތަކެއް ކުރިން ދެކެވުނެވެ. ނަމަވެސް މިހާތަނަށް އޭނާ ބޮޑު ސްކްރީނުން ފެނިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ސާކްޝީގެ ފޮޓޯތަކަށް ބަލާއިރު، ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އޭނާ ވައްތަރީ އޭނާގެ ބައްޕަ ވިނޯދު ހާންގެ ޒުވާން އިރާއެވެ. އިސްތަށިގަނޑު ހުންނަ ގޮތާއި މޫނުމަތީގެ ސިފަތައް ބައްޕައާ ވަރަށް އެއްގޮތް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަކްޝޭ ހާން މިއަދު "ދުރަންދަރު" އިން ބޮޑު ކާމިޔާބީއެއް ހޯދަމުން ދާއިރު، އޭނާގެ އާއިލާގެ މި ފޮރުވިފައިވާ މެންބަރާ ބެހޭ ގޮތުން މީހުން ދަނީ ޝައުގުވެރިކަމާއެކު ވާހަކަ ދައްކަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް