މި އިޝްތިހާރުގައި މި ތަރިން ވަނީ އެ މީހުންގެ ފިލްމީ ހަޔާތުގައި ކުޅެފައިވާ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު ކެރެކްޓާތައް އަލުން ދައްކާލާފައެވެ. މިއީ މަޝްހޫރު ސްޓީލް ބްރޭންޑެއްގެ ޕްރޮމޯޝަނަށް ކުޅެފައިވާ އިޝްތިހާރެކެވެ.
މި ވީޑިއޯގައި ޝާހް ރުކް ހާން ފެންނަނީ އޭނާގެ ބްލޮކްބަސްޓާ ފިލްމު "ޖަވާން" ގައި ފެނިގެންދިޔަ ގޮތަށެވެ. މޫނުގައި ބޭންޑޭޖް އަޅައިގެން، ނުރަ އިސްތަށިގަނޑަކާ އެކު އޭނާ ފެންނައިރު، ރަންބީރު ކަޕޫރު ފެންނަނީ "ބްރަހްމަސްތުރާ" ގައި އޭނާ ކުޅުނު ޝިވާގެ ރޯލުންނެވެ. އެގޮތުން ރަންބީރު ވަނީ ފިލްމުގައި ފެންނަ ފަދައިން އަލިފާނުގެ ބާރު ބޭނުންކުރާ ތަން މި އިޝްތިހާރުގައި ވެސް ދައްކުވައިދީފައެވެ.
މީގެ އިތުރުން އާލިއާ ބަޓް މި އިޝްތިހާރުން ފެންނަނީ ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރ ރާނީ ކީ ޕްރޭމް ކަހާނީ" ގައި އޭނާ ފެނިގެންދިޔަ ރާނީގެ ލުކްގައެވެ. ފިލްމުގައި ފެންނަ ފަދަ ރީތި ސާޅިއެއް ލައިގެން ހުރި އާލިއާ، މި ދެ ތަރިންނާ އެކު ފެނުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. މިއީ މި ތިން ތަރިންގެ ކެރެކްޓާތައް އެއް ވީޑިއޯއަކުން ނުވަތަ "ކްރޮސްއޯވާ" އެއްގެ ގޮތުގައި ފެނުނު ފުރަތަމަ ފަހަރެވެ.
ސޯޝަލް މީޑިއާގައި މިހާރު މި ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެފައިވާއިރު، ފޭނުން އަންނަނީ މި ތަރިންނަށް ތައުރީފު ކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ ބޮލީވުޑްގެ ތާރީހުގައި ވެސް ފެނުނު އެންމެ ވަރުގަދަ އެއް ކޮމާޝަލް ކަމަށެވެ. އަދި މި ތިން ތަރިން އެކުގައި ބޮޑު އެކްޝަން ފިލްމަކުން ފެނުމަށް ބޭނުންވާ ކަމަށް ވެސް ކޮމެންޓުތަކުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.