މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް މީގެ ކުރިން ބޮޑުކުރީ ދެމެހެއްޓެނިވި ގޮތަކަށް ވިސްނައިގެން ނޫން ކަމަށެވެ. އެގޮތުން އެ އަގުގައި ހިފެހެއްޓި ނަމަ، މިފްކޯ ހިންގުމަށްޓަކައި ދައުލަތުން އަހަރަކު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށާއި، މިކަމުގެ ނޭދެވޭ އަސަރު އަމިއްލަ ކުންފުނިތަކަށް ފޯރައި، އެ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ސަރުކާރުން މިހާރު ވަނީ މި ސިނާއަތް ކުރިއެރުވުމަށްޓަކައި ތާރީހުގައި ވެސް ނުކުރާ ވަރުގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ފަށާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން 4.5 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މި މަޝްރޫއުތައް ނިންމައި، މި ދައުރު ނިމޭއިރު ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު 25،000 ޓަނަށް އިތުރުކުރެވިގެންދާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.