މި ބިން ދޫކުރަނީ އެރަށު ބަނޑާރަހިޔާ ސަރަހައްދުންކަމަށާއި މީ 1000 އަކަފޫޓްގެ ބިމެއް ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ބިމުގެ ކުއްޔަކީ މަހަކަށް 5000ރ. ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނެވުނު ފަހުން ބިންގާ އަޅާފައިވާ މި ބިޒްނަސް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރެވިފައި މިވަނީ، އެ އިސްލާހާއި ގުޅިގެން ސަރުކާރުން ހަދާފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބުމުންކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ކައުންސިލަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ފުޅާ ފުރުސަތު ވަނީ ހަނިކޮށްފައެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެ މަސައްކަތަކީ އެލްޖީއޭން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
އެއީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން