އައްޑޫގައި ރޭ އޮތް ފުލުހުންގެ އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ދިވެހި ރައްޔިތުން އެދެނީ ދިވެހިރާއްޖޭގެ ކޮންމެ މަގަކީ އަދި ކޮންމެ ރަށަކީ ވެސް ރައްކާތެރިކަން ކަށަވަރުވެފައި އޮތް ތަނަކަށް ހެދުމަށް ކަމަށެވެ. އެކަން ހާސިލު ކުރުމަށްޓަކައި ފުލުހުންނާ މިޝަންތަކެއް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ދިވެހި ފުލުހުންނާ މިހާރު ސަރުކާރުން ހަވާލު ކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ރާއްޖެ އިން މަސްތުވާތަކެތި އެއްކޮށް ނައްތާލުމާއި ގޭންގު ހަދައިގެން ކުށްކުރާ ގުރޫޕުތައް ގާނޫނުގެ ކުރިމައްޗަށް ގެނައުން އަދި ގަވާދިާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުން ކަމަށެވެ. އަދި ކުށުގެ މާހައުލުގައި އުޅޭ ކުދިން އެ މާހައުލުން ނެރެ އެ މާހައުލު އެއްކޮށް ނަތާލުމަކީ ވެސް އެއީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެންމެ ފަހުން އަސާސީ ތަމްރީނު ފުރިހަމަ ކުރި ރޭގެ ބެޗުގެ އެންމެ ހާއްސަ މަސައްކަތަކީ މިއަދުން ފެށިގެން އެ ކަންކަން ކޮށްދިނުމެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، ފުލުހުންނަކީ ފަޚުރުވެރި މާޒީއެއް އޮވެ، ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރިވާ ޚިދުމަތްތަކެއް ދެމުން އަންނަ މުއައްސަސާއެކެވެ.
އެގޮތުން، ކޮންމެ ދުވަހަކީ ފުލުހުން ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތް ކުރަން ޖެހޭނެ ދުވަހެއް ކަމަށާއި އެ ކަމަށްޓަކައި އަލަށް ތަމްރީނުވި ފުލުހުން ތިބީ ތައްޔާރަށް ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ރައްޔިތުން އެދެނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން 100 ޕަސެންޓު ކަށަވަރުވެފައި އޮތުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން، ރައްޔިތުން އެދެނީ ރާއްޖޭގެ ކޮންމެ ރަށަކާއި އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮތް ތަނަކަށްވެ، ސަލަމާތައި ރައްކާތެރިކަން ކަށަވަރުވެފައި އޮތް ތަނެއްގެ އިހުސާސް ކުރެވުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.
ގައުމީ ހިދުމަތައް ދަރިން ނެރުމަކީ އާއިލާއަކަށް ކުރެވޭނެ އެންމެ ބޮޑު ގައުމީ އެއް ހިދުމަތް ކަމަށް ވިދާޅުވެ، ރޭ ދަސްވެނިވި ފުލުހުންގެ އާއިލާތަކަށް އިހުސާން ޝުކުރު އަދާކުރެއްވި އެވެ.
ފުލުހުންގެ 41 ވަނަ އިނީޝަލް ޓްރެއިނިން ކޯސް ފުރިހަމަކުރި 185 ފުލުހަކު ރޭ ދަސްވެނިވި އެވެ. އޭގެތެރެއިން 96 ފުލުުހުންނަކީ އަންހެނުންނެވެ.