ޝަމްއާންގެ ޝަރީއަތް، މީޑިއާ ހެޑްލައިން ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް، ގާޒީ ވިދާޅުވީ، އެ ޝަރިއަތުގައި ހެކިވެރިއަކާ ޝަމްއާން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރެއްވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފު ކަންކަން ކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން އުޅުއްވިތޯއެވެ. އެކަމަކު އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއެވެ. އަދި ގާޒީ އިހުސާން ވެސް އެ ސުވާލު ހުއްޓުވިއެވެ.
މި މައްސަލަ ބައްލަވާ ގާޒީ އިހްސާން ވިދާޅުވީ މީޑިއާ ސާކަސްއެއްގެ ގޮތުގައި އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ގާޒީ, ޝަމްއާނަށް ދެއްވިއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާން ބަންދުކޮށް، ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލާގައި ޝަމްމާން ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.