ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިރޭ ވިދާޅުވީ ސަރުކާރުގެ ސްކީމަކުން އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ މީހުންނަށް އިތުރު ހައުސިން ސްކީމަކަށް ކުރިމަތިނުލެވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ.
ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ހުށަހެޅި ހިޔާލު ބަލައިގަނެ ތަންކޮޅެއް ކުރީ ޒަމާނެއްގައި އެއް ކޮޓަރި ފްލެޓް ލިބިފައިވާ މީހުންނަށް މިހާރު ހުޅުވާލާ ހައުސިން ސްކީމްތަކަށް ފޯމު ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހައުސިން ސްކީމަކަށް ކުރިމަތިލައި ހޮވިއްޖެނަމަ އެއް ކޮޓަރީގެ އެޕާޓްމަންޓް ދޫކޮށްލާ ގޮތަށް އުސޫލު އިސްލާހުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލެ ސަރަހައްދުގައި އެއް ކޮޓަރީގައި އާއިލާގެ ގިނަ މެންބަރުންތަކެއް އުޅެންޖެހޭކަމުގެ ޝަކުވާ ބޮޑެވެ.
ސަރުކާރުން މިދިޔަ މަހު އިފުތިތާހުކުރި، "އެންމެންނަށް ބޯހިޔާވަހިކަން" ހާއްސަކުރަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
އެ ގޮތުން، ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން 7،500 ފުލެޓާއި 15،000 ގޯތި ދޫކުރާނެ ގޮތުގެ އުސޫލު އޭރު ވަނީ ހާމަކޮށްފަ އެވެ.