ads
ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު
އެންޖީއޯ ވޯކިން ސްޕޭސް އެއްވެސް ފީއަކާ ނުލާ ޖަމިއްޔާތަކަށް ބޭނުންކުރެވޭނެ: މިނިސްޓަރު
މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ، ހިލޭ ދޫކުރާނެކަމަށާއި މި ފުރުސަތުގެ ބޭނުން ޖަމިއްޔާތަކުން ހިފުމަށް އެދޭކަމަށް ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
Advertisement

މަދަނީ ޖަމިއްޔާތަކުގެ އަގު ވަޒަން ކުރުމަށް ޔޫތް މިނިސްޓްރީން ދޭ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުން މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ، މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށެވެ.

އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމާއި، މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ޖާގަ ކަނޑައަޅާފައި ވަނީ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިތަނަށް ދީފައިވާ ނަމަކީވެސް ”އެންޖީއޯ ވޯކިންގ ސްޕޭސް“ ކަމަށެވެ.

މަދަނީ ޖަމިއްޔާތަކަށް ބައްދަލުވުންތަކާއި، މަސައްކަތްކުރުމަށް ޖާގައެއް ނެތުމުން ދަތިތައް ދިމާވާއިރު، އެކަމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މި ޖާގަ މެދުވެރިކޮށް މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

އަދި މަދަނީ ޖަމިއްޔާތަކުން މި ޖާގަ ބޭނުން ނުކުރާ ވަގުތުތަކުގައި، އެހެން ފަރާތްތަކުން ބޭނުންކުރާނަމަ އަގެއް ނެގި ނަމަވެސް، މަދަނީ ޖަމިއްޔާތަކުން ބޭނުންކުރުމުގައި އެއްވެސް އަގެއް ނުނަގާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް