ބާނި ޖަމިއްޔާގެ ސާވޭގައި ވާގޮތުން އެ މީހުން ވަނީ 9،916 ނަންބަރަކަށް ގުޅަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، އޭގެ ތެރެއިން ސާވޭގައި ބައިވެރިވެ، ޖަވާބު ދިނީ އެންމެ 391 މީހުންނެވެ. އަދި، 1،480 މީހުން ސާވޭގައި ބައިވެރިވާން ދެކޮޅު ހެދިއިރު 4،016 ނަންބަރުން ފޯނެއް ނުނަގައެވެ. ބާކީ ނަންބަރުތަކަކީ ބޭނުންނުކުރާ ނަންބަރުތައް ކަމަށް އެ ސާވޭ ރިޕޯޓުގައި ވެއެވެ.
މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 23 އިން ފަށައިގެން މި މަހު އެއްވަނަ ދުވަހާ ހަމައަށެވެ.
އުމުރުފުރާތަކަށް ބަލާއިރު މުއިއްޒުގެ މަގުބޫލުކަން އެންމެ ބޮޑީ އުމުރުން ދުވަސްވީ ގްރޫޕުތަކުގެ މެދުގަ އެވެ. 55 އަހަރުން މަތީގެ އާބާދީގެ 67 ޕަސެންޓު މުއިއްޒު އަށް ތާއީދުކުރެ އެވެ. އެ އަދަދު އުމުރު ގްރޫޕުތައް ހަގުވާ މިންވަރަށް ދަށަށް ދާކަން ބާނީގެ ރިޕޯޓުން ދައްކަ އެވެ.
މުއިއްޒުގެ މަގުބޫލުކަން އެންމެ ދަށީ ޒުވާނުންގެ މެދުގަ އެވެ. 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން އެމަނިކުފާނަށް 50 ޕަސެންޓު ތާއީދުކުރާއިރު، 25 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން މުއިއްޒު އަށް ތާއީދުކުރަނީ 57 މީހުންނެވެ.
ބާނީގެ ސާވޭއިން އެނގުނު ގޮތުގައި، ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި ރައީސް މުއިއްޒަށް އޮތް ސަޕޯޓް ބޮޑެވެ. ސާވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން 64 ޕަސެންޓް އަންހެނުން ވަނީ ރައީސްގެ މަސައްކަތްޕުޅާ މެދުގައި ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަދި ފިރިހެނުންގެ 60 ޕަސެންޓް ސަޕޯޓް ރައީސަށް ލިބިފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ 129،000 މީހުންގެ ވޯޓާ އެކުގަ އެވެ. އެއީ 54 އިންސައްތައެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވީ 109،000 މީހުންނެވެ. އެއީ، 46 އިންސައްތަ އެވެ. ޖެހިގެން އައި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެސް 75 ގޮނޑިއާ އެކު ސުޕަ މެޖޯރިޓީއެއް ޕީއެންސީން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ކާމިޔާބުވީ އެންމެ 12 ގޮނޑިއެވެ.