މީގެ ކުރިން ދޫކުރި ސޯޝަލް ހައުސިން ޔުނިޓުތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި އަތަށް ދިން ނަމަވެސް، ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތަކުގެ ތަޅުދަނޑި އަތަށް ލިބޭނީ ޑައުންޕޭމަންޓް ދައްކާ ނިންމުމުން ކަމަށް އެފްޑީސީން ބުނާތީ، މި ތަނަށް ދައްކަން ޖެހޭ 25،000ރ.ގެ ޑައުންޕޭމަންޓާ އެކު، ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް، ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފަހި ޔޫނިއަންއިން ސަރުކާރަށް މީގެ ކުރިން ވެސް ވަނީ ގޮވާލާފަ އެވެ.
ހުޅުމާލެ ފޭސް2ގެ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފަހި ފްލެޓްތަކުގެ ކުއްޔަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ތިން ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 10،000ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެޑްވާންސް ޕޭމަންޓް 8،000ރ. އަށް ކުޑަކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެފްޑީސީއިން ގެދޮރުވެރިޔާ ފްލެޓުތަކަށް މިހާރު ކަނޑައަޅާފައިވާ ކުއްޔަކީ:
ދެ ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ.؛ ޑައުންޕޭމެންޓަށް 15،000ރ.
ތިން ކޮޓަރީގެ އެޕާޓްމެންޓަކަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ.؛ ޑައުންޕޭމެންޓަށް 25،000ރ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅާ މި ފްލެޓުތައް ލިބޭ މީހުންނާ އެކު ސޮއިކުރަނީ ފްލެޓުތައް ނިމޭ ތަރުތީބުންނެވެ. ފްލެޓުތައް ހަވާލުކުރަނީ އެތެރޭގެ މަސައްކަތްތައް ވެސް ނިންމުމަށް ފަހު އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ރައީސް މިރޭ ވަނީ އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައްވައިދިނުމަކީ އެންމެ އިސްކަންދޭ ކަންކަމުގައި ރައީސް އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ލުއިތައްވެސް ދަނީ ރައްޔިތުންނަށް ދެއްވަމުންނެވެ.