"އެމްއެންޔޫ އިނޮވޭޓްހަބް ޕަވާޑް ބައި ދިރާގު" ގެ ނަމުގައި ފެށި މި ހާއްސަ ޕްރޮގްރާމަކީ ދެ ފަރާތުގެ މެދުގައި ގާއިމުކުރި ސްޓްރެޓީޖިކް ޕާޓްނަޝިޕެއްގެ ދަށުން، އެމްއެންޔޫގައި ބޭއްވި ހަފުލާއެއްގައި ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ޕާޓްނަޝިޕްގެ ދަށުން ދިރާގުން މި ޕްރޮގްރާމަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބައިވެރިންނަށް މެންޓަޝިޕް ދިނުމާއި، އިންކިއުބޭޝަންގެ މަރުހަލާތަކުގައި ބޭނުންކުރުމަށް ދިރާގުގެ ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންގެ އީޖާދީ ހިޔާލުތައް އަމަލީ ގޮތުން ބޭނުންކުރެވޭ ހައްލުތަކަކަށް ބަދަލުކުރުމަށްޓަކައި ހިޔާލު އުފެއްދުމުން ފެށިގެން، ހުނަރު ތަރައްގީކޮށް މާކެޓަށް ނެރުމާ ހަމައަށް ދަރިވަރުންނަށް އެހީތެރިވެދޭނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މިއީ ޒުވާނުން ބާރުވެރިކުރުވައި، ރާއްޖޭގައި ޑިޖިޓަލް އީޖާދުތަކާއި ވިޔަފާރި ކުރިއެރުވުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް މިންގަނޑުތަކާއި ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން، މުސްތަގުބަލަށް ތައްޔާރުވެފައިވާ ހުނަރުވެރި ޒުވާނުން އުފެދި، ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.