ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާއެއްގަ އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމުގެ އިތުރުން، އެފްޑީސީގެ ފްލެޓުތަކުގެ ކުލި ކުޑަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހުޅުމާލެ ރައްޔިތުންނާއެކު ރޭ ރައީސް ބޭއްވި ބައްދަލުވުމުގައި ކުއްޔާއި ޖޫރިމަނާ މައާފުކޮށްދޭ މައްސަލާގައި ބައެއް މީހުން ވަނީ ރައީސަށް ޝަކުވާ ހުށަހަޅާފަ އެވެ.
އެ ފައިސާ މައާފުކޮށް ނުދިނުމަށާއި، އޭރުން ބޭރަށް ދައްކަންޖެހޭ ދަރަނިތައް އެހާ ބޮޑުވެފައި އޮތް މިފަދަ ގައުމެއްގައި އިގްތިސާދަށާއި ގައުމުގެ ކަންކަމަށް ދައުލަތުން ކުރަންޖެހޭ މުހިންމު ހަރަދުތަކަށް ދަތިވާނެ ކަމަށް އަދި މުސްތަގުބޮލުގައި އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
ޖަވާބުގައި ރައީސް އެދިލެއްވީ، ދައުލަތަށް ބުރަބޮޑުވާނެ ކަމަށް ވިސްނައި އެކަމާ ކަންބޮޑުނުވުމަށެވެ. ރައީސް ވިދާޅުވީ، އެފަދަ ކަންކަން ކުރަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަމާގުޅޭގޮތުން ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ކަމަށެވެ.
ދައުލަތުގެ ހަރަދުގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ބައެއް ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ކުޑަކޮށް އަދި ބައެއް ފްލެޓުތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މިދިޔަ ހަފުތާގައި ސަަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.
ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް 2023ގައި ވެސް މައާފުކޮށްދިނެވެ. އަނެއްކާ މިދިޔަ އަހަރުން ފެށިގެން ނުދައްކާ ކުލީގެ ޖޫރިމަނާ ވެސް މައާފުކޮށް ދިންއިރު، އެޗްޑީސީން މިދިޔަ ޖުލައި މަހު ބުނި ގޮތުގައި ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބި ހުރި ފަައިސާގެ އަދަދު 628 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެޗްޑީސީން ބަލަހައްޓާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަށް ގަވާއިދުން ކުލި ނުދައްކަ އެވެ. މުޅިން ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.