ހިރިލަންދޫ ކައުންސިލް އިން ރައީސް ސާލިހު އަށް ދައުވަތު ދެއްވީ އެ ކައުންސިލްއިން ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމި ބީޗު ސަރަހައްދު ހުޅުވުމުގެ ހަފްލާއަށް ކަމަށް މައުލޫމާތު ލިބެ އެވެ.
މި ދަތުރުފުޅުގައި ހިރިލަންދޫގެ ކައުންސިލާ ބައްދަލުކުރައްވާނެ އަދި އެމްޑީޕީގެ މެންބަރުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެެވެ. ހިރިލަންދޫ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފަށާ ނިންމާފައިވާ ރަށެކެވެ.
އެގޮތުން ހިރިލަންދޫ ފުޓްސަލް ދަނޑު ގާއިމުކުރުމާއި، ހިރިލަންދޫ ވޮލީކޯޓު ތަރައްގީކުރުމާއި، ހިރިލަންދޫ ކުޑަކުދިންގެ ޕާކް ތަރައްގީ ކުރުމާއި، ހިރިލަންދޫ އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސްރޫއުވެސް ވަނީ ނިންމާލެވިފައި އެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުން ހިރިލަންދޫ ސްކޫލް 3 ބުރި އިމާރާތް މަލްޓިޕާޕަސް ހޯލާ އެކު އަޅަން ކުރިޔަށް ގެންދިޔަ މަސްރޫއު ވެރިކަން ބަދަލުވިފަހުން ހުއްޓުމަކަށް އައިސްފައިވީީ ނަމަވެސް ހިރިލަންދޫ ބިން ހިއްކުމުގެ މަސްރޫއުގެ ހިލަ ޖެހުމުގެ މަސައްކަތް ކުރިޔަށް ދާ އިރު ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ރަށުން ބުނެ އެވެ.
އަދި ހިރިލަންދޫ އާ އިންޖީންގެ އިމާރާތްކުރުމުގެ މަސައްކަތް ވެރިކަން ބަދަލުވިި ފަހުން ހުއްޓިފައިވާ އިރު ހިރިލަންދޫ އާ ފެނަކަ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި 1000 ކވ ގެ 2 ޖެނަރޭޓަރު ސެޓް ފޯރުކޮށްދީފައިވާ ކަމަށް އެ ރަށުން ބުނެ އެވެ.